Wednesday, September 9, 2009

ޅެން: ފޮށިފެޅުން

 ރޭގަނޑު ދަންވަރު ގެއަކަށް ވަދެ އެއްޗެއް ނެގުމީ ފޮށިފެޅުމޭ
       ރޭގަނޑު ނޫނަސް ސިއްރުން ވަދެ އެއްޗެއް ނެގުމީ ފޮށިފެޅުމޭ
  މާއްދީ މުދަލާ އެއްފަދައިން ފިކުރީ މުދަލުން ވައްކަންކޮށް
       މާއްދީ ފައިދާ ހޯދުމަކީ، އަދަބީބަހުގައި ފޮށިފެޅުމޭ    
 ޅެމަކުން ބައިތެއް ހޯދައިގެން ނޫނީ މުޅިޅެން އަތުލައިގެން
       ޅެމަކީ "އަހަރެން" ހެދިޅެމެކޭ ބުނުމުން ކިޔަނީ ފޮށިފެޅުމޭ

ވާހަކަ: އެޕޮއިންޓްމެންޓް

ފަތިހު މުނާޖާ ކޮނޑުއަޅައިގެން އަހަރެން ތެދުވީ ރައްޓެއްސަކު ބުނެގެން ޑޮކްޓަރަށް ދައްކަން ނަން ނޯޓުކޮށްދޭށެވެ. ފާހާނާއަށް ވަދެ، އަވަސްއަވަހަށް ފެންވަރައިގެން ނުކުމެ، ކުޑަކޮށް ރީތިވެލައިގެން، ގެއިން ނުކުމެ ސައިކަލަށް އަރާ، ބާރުލާފައި ހަސްފަތާލާ ދިމާއަށް މިސްރާބު ޖެހީމެވެ. މަގުތަކުގައި ވަނީ ހަމަހިމޭން ކަމެވެ. މޫނުއަނދިރިކަން މުޅިން ނުފިލާ މަގުމަތިން މުސްކުޅިފުރާގެ ބައެއް މީހުން ހިނގާބިނގާ ވާތީ މަދުމަދުން ފެނެއެވެ. މަޑު ހިނގުމެއްގައި މިސްކިތްތަކާ ދިމާއަށް އެދަނީ ފަތިސް ނަމާދަށް ގޮވުމުގެ ކުރިން މިސްކިތަށް އެރުމަށް އާދަވެފައި ތިބީމައެވެ. ގޯޅިގޯޅި ކަންމަތީ ބިތް ޖެހިފައި ތިބި "ހަރުދަނާ" ޒުވާނުން މި އަމާން ވަގުތުގެ އަމާންކަމާއި ހިމޭންކަން ނަގާލަނީ އެމީހުންގެ "ޅަވިޔަނި" ބަހުރުވައިގެ ފޯރި ގަދަ ބަހުސްތަކުންނެވެ. މަގުމަތީގެ މި ހަރަކާތްތަކަށް މާބޮޑު ސަމާލުކަމެއް ނުދީ، ވައިސޫރިއެއްހެން ގޮސް ހަސްފަތާލު ކުރިމަތިން ސައިކަލުތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ފެނުނު ހަނި ދޭތެރެއަކަށް ސައިކަލު "ގަންނަވާލައިފައި"، ހަސްފަތާލަށް ވަދެގެން ހިނގައިގެންފީމެވެ.